ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ހދ. ކުޅުދުއްފުށީ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ.

އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި ބޭރަށް ނިކުންނަ ނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.

އަދި މިސްކިތަށް ދިއުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ އެންގުންތަކަށް ބޯލެބުމުގެ ގޮތުން، މާސްކުއެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށް ވެސް ވަނީ އަންގާފައެވެ.

އޭގެ އިތުރުން ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރުމަށާއި އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމަށް ވަނީ އަންގާފައެވެ.

ރޭގެ ވަގުތެއްގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ވެސް ގެނެސްފައެވެ. މިއީ މިދިޔަ އެއް މަސް ދުވަސް ތެރޭގައި ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށްލީ 3 ވަނަ ފަހަރެވެ. އެގޮތުން މިފަހަރުވެސް ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމުމުން، އެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.