އޮޅުވާލައިގެން ތިން ގޯތި މޯގޭޖް ކުރުމަށް ފަހު، އަމިއްލަ ބޭނުމަށް ލޯނެއް ނެގި މައްސަލާގައި ފުލުހުންނަށް ހާޒިރުވާން އެންގި ދެ މީހުން އަދި ވެސް ހާޒިރު ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ މާލެއިން ގޯއްޗަކާއި ވިލިމާލެއިން 2 ގޯއްޗެއް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ، އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށް ފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުވުމަށް އަންގާފައެވެ.
އެގޮތުން އެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާ ދެ މީހުންނަކީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، 50 އަހަރުގެ ހުސައިން ނަސީރާއި ކ. މާލެ/ ދަފްތަރު ނަންބަރު 6630، 48 އަހަރުގެ އާމިނަތު ލަތީފާއެވެ.
ދެ މީހުން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހެނދުނު 10:00 އަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ މީހުން މިއަދު ފުލުހަށް ހާޒިރު ނުވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
އެ ދެ މީހުންނަކީ ފުލުހުންގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ދަށުން ތަހުގީގަށް ހޯދަމުން ދާ ދެ މީހުން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ތިޔަ މީހުން ނާންނާނެ. އެމީހުން ދިރިއުޅެނީ ލަންކާގަ. ފުލުހުންނަށްވެސް މައުލޫމާތު ހިއްސާ ކޮށާފަވާނީ