4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ހދ. ކުޅުދުއްފުއްޓަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ ރޭ 10:35 ހާއިރެވެ. ރޭ ޕޮޒިޓިވްވެފައި ވާ މީހުންގެ ތެރޭގައި 75 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހެއްގެ އިތުރުން 10 އަހަރާއި 9 އަހަރުގެ ދެ ކުޑަކުދިން ވެސް ހިމެނެއެވެ. މި މީހން ޕޮޒިޓިވްވެފައި ވަނީ، އެރަށުން މީގެ ކުރިން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓް ވުމުގެ ސަބަބުންނެވެ.

މިއީ މިދިޔަ އެއް މަސް ދުވަސް ތެރޭގައި ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށްލީ 3 ވަނަ ފަހަރެވެ. އެގޮތުން މިފަހަރުވެސް ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމުމުން، އެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކުރިން ކުޅުދުއްފުށި މޮނިޓަރިންއަށް ލާފައި ވަނީ، އޭނާ ކޮވިޑް19 އަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީއަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ހަމައެއާއެކު، މާލެ ދަތުރުކުރާ "ފާޅު" ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ވެސް އެރަށް މޮނިޓަރިންއަށް ލިއެވެ. ކެޕްޓަން އާއި ކޮންޓެކްޓުވި އިތުުރު ދެ ފަޅުވެރިޔަކުވެސް ޕޮޒިޓިވް ވެފައިވާއިރު، ފަޅުވެރިޔަކާ ކޮންޓެކްޓުވި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަމަށް އަންގައި އެރަށު ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ ރޭ 10:35 އިން ފެށިގެން ކަމަށެވެ. އަދި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުމަކީ މަނާކަމެއް ކަމަށް އެ ލިޔުމުގައިވެއެވެ.