ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެ އައި މީހާގެ ބަންދަށް 7 ދުވަހަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ސީރިޔާ ގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރޭ ރާއްޖެއައި ކަަމަށް ތުހުމަތު ކުރާ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 7 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ފުލުހުނޖް ބުނެފައި ވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
އެކަމަކާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރޭ ހައްޔަރު ކުރި 34 އަހަރުގެ މީހާއަކީ، ފުލުހުން ބަލަހައްޓަމުން ގެންދާ ފޮރިން ޓެރަރިސްޓް ފައިޓާސް ލިސްޓުގައި (އެފްޓީއެފް) ގައި ހިމެނޭ މީހެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށެވެ.
ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވާ މައްސަލަ ފެންމަތިވެފައި ވާއިރު ސީރިއާގައި ތިބި ދިވެހިން ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ އިއުލާން ކުރައްވައިފައެވެ.
އެފަދަ ގައުމުތަކަށް ހަނގުރާމަ ކުރަން ގޮސް ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނެސް އަދި ހަރުކަށިފިކުރުގައި ތިބި މީހުނަށް ރިހެބިލިޓޭޝަން ދޭން ލާޒިމުކޮށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ. އަދި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން އަނބުރާ ރާއްޖެ ގެންނަ ދިވެހިން ރިހެބިލިޓޭޓް ކުރާނެ މަރުކަޒެއް ކ. ހިންމަފުށީގައި އެޅުމުގެ މަސައްކަތް ފަށައިފައި ވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ނަމަވެސް އެނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެމީހުން ރާއްޖެ ނުގެނައުމަށް ގޮވާލާފައެވެ.
ސީރިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ޖިހާދު ވުމުގެ ނަމުގައި ގޮސް އުޅޭ ބިމެކެވެ. ސީރިއާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ 400 އަށް ވުރެ ގިނަ ދިވެހި އަންހެނުން ސީރިއާގައި ހަށި ވިއްކުމުގައި އުޅޭ ކަމަށެވެ. އަދި މީގެ ތެރެއިން 160 އެއްހާ މީހުން މަރުވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ސީރިއާގައި ތިބި ދިވެހިންގެ އަދަދާ ބެހޭ ގޮތުން ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވަނީ 173 މީހަކު ސީރިއާއަށް ހަނގުރާމައަށް ގޮސްފައި ވާ ކަމަށެވެ.