32 އަހަރުތެރޭ 27 ވަނަ ފަހަރު ރާއްޖެ އައި ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފަތުރުވެރިޔާ އަކީ ޖަރުމަނަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށެވެ. އޭނާ މިއަދު ރާއްޖެ އައިސްފައި ވަނީ 27 ވަނަ ފަހަރަށް ކަމަަށާއި އޭނާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައި ވަނީ 1988 އަށް ވަނަ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ފަތުރުވެރިޔާ އަކީ އޭނާއަށް ލިބޭ ކޮންމެ ޗުއްޓީ ބަންދެއްގައި ރާއްޖެ އަންނަ ފަތުރުވެރިއެއް ކަމަށާއި ރާއްޖެ އައިސް މަހެއް ވަންދެން ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އެ ފަތުރުވެރިޔާގެ "ސެކަންޑް ހޯމް" ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ރިސޯޓުތައް ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. އެއާއެކު ރާއްޖެއަށް ވަނީ ފަތުރުވެރިން އަންނަން ފަށާފައެވެ.
މީގެ އިތުރުން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުންނަތާ އެތަށް މަހަކަށްފަހު ގެސްޓްހައުސްތައް ހުޅުވީ އިއްޔެއެވެ. އެގޮތުން، 9 ރަށަކުން 16 ގެސްޓްހައުސްއެއް އިއްޔެ ވަނީ ހުޅުވާފައެވެ. އެއާއެކު ފަތުރުވެރިން ވަނީ އަންނަ ފަށަފައެވެ.