ހއ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ މަޝްރޫއު އަންނަ ނޮވެމްބަރު މަހު 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އަންނަ މަހު 11 ވަނަ ދުވަހަށް މަސައްކަތްތައް ނިންމާލުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ހޯރަފުއްޓަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭ އެޅުމާއި، 8635 އަކަމީޓަރުގެ އޭޕްރޮން އަދި ޓެކްސިވޭ އެޅުމާއި، އެއާޕޯޓް ޓޤމިނަލް ކުރިމަތީ މަގު ހެދުން ހިމެނެއެވެ. އަދި 9473 އަކަ މީޓަރުގެ ޕާކިން އޭރިއާ، 1718 އަކަ މީޓަރުގެ ފަޔާ އެކްސެސް މަގު، ފަޔާ ބިލްޑިން، ޕެސެންޖާ ޓާމިނަލް، 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީއާއި މޫދު ފެންސް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

ހޯރަފުށީގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބިން ހިއްކާފައި ވަނީ ވެސް އެމްޓީސީސީންނެވެ. މި މަސައްކަތް ކުރީ އެ ކުންފުނީގެ ކޮންނަ ބޯޓު މަހާޖައްރާފުންނެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ ބޮޑުބައި އެމްޓީސީސީން މިހާރު ވަނީ ނިންމާލާފައެވެ.