ކނަދުމަތީ އުޅެނިކޮށް ފިޓު ޖެހުނު މީހަކު އައިޖީއެމްއެޗަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ. ކ. ފިހާޅޮހި އައިލެންޑް ރިސޯޓް ކައިރިން ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ހުރި 36 އަހަރުގެ ފިރިހެނަކު ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އަވަސް ފަރުވާއަށް މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އޭނާއަށް ދިމާވެފައިވާ ސިއްހި ކުއްލި މައްސަލައަކީ، ފިޓު ޖެހުން ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ވަނީ މިއަދު 10:50 ހާއިރު އައިޖީއެމްއެޗަށް ގެންގޮސްދީފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ދަނީ، މެދުކެނޑުމެއްނެތި ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، މިއަދު ވެސް އެމްއެންޑީއެފުން ވަނީ އިންޖީނު ހުއްޓި، ދިޔަވަމުން ދަނިކޮށް ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ބޯޓު ދިޔަވާކަމުގެ ރިޕޯޓް ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެމްޑީއެފުން މައުލޫމާތު ދީފައިވެއެވެ. "އިސްގުބާރު" ނަމަކަށް ކިޔާ އެ ބޯޓު ދަތުރުކުރަމުން ދިޔައީ މ. ކޮޅުފުށިން ތ. ވިލުފުއްޓަށެވެ. އެމްއެންޑީއެފުން މިހާރު އެ ބޯޓު މ. ކޮޅުފުއްޓަށް ވައްދާފައިވާއިރު، އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 7:33 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.