ޑްރަގްތައް ރައްކާކުރާ ގުދަނުގެ ވަލުދޮރާށި ބަންދުކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

130 ކިލޯގެ ޑްރަގް މައްސަލަތަކާ ގުޅިގެން ބޮންޑޭ ވިދާޅުވީ ރާއްޖެއިން އަތުލައިގަނެވޭ މަސްތުވާތަކެތި ގުދަންކުރުމާއި ބެލެހެއްޓުމާއި ނައްތާލުމުގެ އިޖްރާތްތައް ރައްޔިތުންނަށް ސާފްވާންޖެހޭ ކަމަށެވެ.

އެގޮތުން ޑްރަގްތައް ރައްކާކުރާ ގުދަން ހުޅުވެނީ އެއް އިދާރާގެ ހާޒިރުގައިތޯ ނުވަތަ ތިން އިދާރާގެ ހާޒިރުގައިތޯ ސާފުވާންޖެހޭ ކަމަށާއި އެކަމަށް ހުޅުވޭ ދޮރާށި ތައް ބަންދުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަތުލައިގަނެވޭ މަސްތުވާތަކެތި ގުދަންކުރުމާއި ބެލެހެއްޓުމާއި ނައްތާލުމުގެ އިޖްރާތްތައް ރައްޔިތުންނަށް ސާފްވާންޖެހޭ! މިސާލަކަށް ޑްރަގްތައް ރައްކާކުރާ ގުދަން ހުޅުވެނީ އެއް އިދާރާގެ ހާޒިރުގައިތޯ ނުވަތަ ތިން އިދާރާގެ ހާޒިރުގައިތޯ ސާފުވާންޖެހޭ! ވަލުދޮރާށި ބަންދުކުރުން!
ބޮންޑޭ

އޭނާ އެފަދައިން ވިދާލުވެފައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރު ލައިޓްހައުސް / ގއ. ވިލިނގިލި ޝަހީބް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެންނެވެ.

އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އެ އޮޕްރޭޝަން ގައި ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކުރި 7 މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ތިބި ފަރާތް ތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

އެ މައްސަލައާ ގުޅިގެން ޕީއެންސީން ބުނެފައި ވަނީ ޕާޓީގެ ކައުންސިލް މެންބަރު ޝަހީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ވަކި ގޮތެއް ނިމެންދެން އެ ޕާޓީގެ ގަވައިދުގައިވާ ގޮތުގެ މަތިން ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދިފައި ވާއިރު، ދޯނީގެ އިތުރުން މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައި ފާސްކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.

އަތުލައިގެން މަސްތުވާ ތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުުހުން ބުނެއެވެ.