މިއަދު އިރުއޮއްސުނު ވަގުތު މާލޭ ބޮޑުތަކުރުފާނު މަގުގައި ސައިކަލަކާއި ވޭނެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:8 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނ ގާފައި ވަނީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުން އައި ވޭނެއް ޖެހިގެން ކަމަށްވެސް ފުލުހުން ބުނެއެވެ،

އެކްސިޑެންޓުވި ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށާއި، އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ސައިކަލުގެ ފަހަތުގައި އިނީ އަންހެނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެކްސިޑެންޓުވި ދެ އުޅަނދު ދުއްވަން ތިބީ ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ދެމީހުންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.