މައްސަލަތައް ތަހުގީގު ކުރަން އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ލިބިފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.
ކޮވިޑް-19އާ ގުޅިގެން ފަރުވާ ދިނުމަސް ބޭނުން ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުވާ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އޭސީސީ މަޖިލީހަށް މިއަދު ހާޒިރުކޮށްފައި ވާއިރު، އެ ބައްދަލުވުމުގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މި ވަގުތު ކޮމިޝަނުގައި ގިނަ މައްސަލަތަކެއް ހުރި އިރު، އެ މައްސަލަތައް ތަހުގީގު ކުރަން އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތް ކަމަށެވެ.
އެގޮތުން، މިހާރުގެ މެންބަރުން ކޮމިޝަނާ ހަވާލުވިއިރު، ތަހުގީގު ކުރެވެމުންދާ 500 އަށް ވުރެ ގިނަ މައްސަލަތައް ހުރި ކަމަށާއި، އޭގެ ތެރޭގައި 2010 ވަނަ އަހަރުގެ މައްސަލަތައް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.
މިއަދުގެ އެ ބައްދަލުވުމުގައި މެންބަރުންގެ އެންމެ ބޮޑު ޝަކުވާ އަކަށްވެ މައްސަލަ ޖައްސަވާފައިވަނީ ބައެއް ކަހަލަ މައްސަލަތައް ބެލުމުގައި އޭސީސީއިން ލަސްވާ ކަމަށާއި މައްސަލަތައް ބެލުމުގައި ވަކި ތަރުތީބެއް ނެތި ކަންތައް ކުރާތީ ކަމަށެވެ. އޭގެ ސަބަބުން ބައެއް ބޮޑެތި މައްސަލަތައް އަދިވެސް ނުބެލި ހުރި ކަމަށް ފާހަގަކޮށް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނަމަވެސް އެކަމަށް ރައްދު ދެއްވަ ޝިއުނާ ވިދާޅުވީ ވަކި ކޭސްތަކަށް ބަލައި އެ ކޭސްތަކަށް ހާއްސަ މުހިއްމު ކަމެއް ދީ އަދި އަނެއްބައި ކޭސްތަކަށް މުހިއްމު ކަމެއް ދޭ ކަމަށް ބުނާނެ ޖާގައެއް ދޭން ބޭނުން ނުވާ ކަމަށެވެ. ކޭސްތައް ތަހުގީގު ކުރުމުގައި ކޭސްތައް ތަހުގީގު ވެފައި ހުރީ ކިހާވަރަކަށްތޯ ބަލާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ވަކި މައްސަލަތަކަކަށް ހާއްސަ ސަމާލުކަމެއް ދީގެ ބަލާ ކަމަށް ތުހުމަތު ކުރުމާއެކު އޭސީސީ އިން މައްސަލަތައް ބެލުމަށް ތަރުތީބުކުރާނެ ގޮތްތައް ކަނޑައެޅުމަށްޓަކައި ހާއްސަ ޕޮލިސީއެއްގެ ޑްރާފްޓް ތައްޔާރުކޮށްފައިވާ ކަމަށް އެކޮމިޝަނުން މިއަދު ވަނީ ބުނެއެވެ.
އޭސީސީގައި މެމްބަރުންގެ ވާހަކަ ތައް ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އަމާޒުވެފައިވާއރު ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތައް ނުބަލައި، މި ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ބަލާ ކަމަށް ބުނެ، މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުންގެ ފަރާތުން އޭސީސީގެ މެންބަރުންނަށް ބޮޑެތި ފާޑުކިއުންތައްވެސް މިއަދު ވަނީ އޭސީސީއަށް އަމާޒު ކޮށްފައެވެ.