ޒަކާތު ފަންޑުގެ ދަށުން ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާ ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާ، ގްރެޖުއޭޓް ނުވެވިފައި ތިބި ދަރިވަރުންނަށް ޒަކާތު ފަންޑުގެ ދަށުން އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެހީއަށް އެދި ހުށަހަޅާ ދަރިވަރުންނަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރުން ކަމުގައި ވާންޖެހޭނެ ކަމަށައި މާލީ ގޮތުން ފުދުންތެރިކަމެއް ނެތް، ޒަކާތް ލިބުން ހައްގުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް ފަހަކުން ފެށިގެން ލެވެލް 10ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރަކަށް ވުމުގެ އިތުރުން، ހާއްސަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައި ވެސް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.

އަދި އެ ދަރިވަރަކީ ޒަކާތު ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެ އެވެ.

އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ނޮވެންބަރު މަހުގެ 15 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށެވެ.