ހުޅުމާލޭގައި އޮތް ކާރެއްބަލާ ފާސްކޮށް، 72 ދަޅު ބިޔަރު ދަޅާއެކު 2 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި ބިޔަރު ދަޅުތައް ފެނުނީ ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގެ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ ޓްރެފިކް ޕޮލިސް ގުޅިގެން ޝައްކުކުރެވޭ އުޅަނދު ހުއްޓުވާ ބަލާ ފާސްކުރުމުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ ކާރު ހުއްޓުވާފައި ވަނީ ރޭ 22:07 އެހާކަންހާއިރު ހުޅުމާލެ ކޭލިގެމަތަ ބަސް ސްޓޮޕް ކައިރިންކަމަށެވެ.

އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު އެކާރުގެ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އެއްގެ ތެރެއިންނާއި ޑިކީ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި އެދެމީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.