ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބު އަދި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމްގެ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމައިފިއެވެ.

މެޖިސްޓްރޭޓް ތައްޔިބު އަދި މެޖިސްޓްރޭޓް އަކްރަމްގެ މައްސަލަ ބަލަން ނިންމާފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، ވޭތުވެދިޔަ ހަފްތާ އަދި މި ހަފްތާގައި ބޭއްވި ދެ ބައްދަލުވުމެއްގައެވެ. އެ ދެ ފަންޑިޔާރުންނާ ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ސުލޫކީ މައްސަލަތަކެކެވެ.

އެގޮތުން، މެޖިސްޓްރޭޓް ތައްޔިބުގެ މައްޗަށް ހުށަހަޅާފައި ވަނީ މީދޫ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން މެޖިސްޓްރޭޓް ތައްޔިބު މި މައްސަލާގައި ގޮތް ނިންމެވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ފުވައްމުލަކު ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މައްޗަށް ވަނީ ދެ މައްސަލައެއް ހުށަހަޅާފައެވެ. އެއީ މެޖިސްޓްރޭޓް އަކްރަމް ހުކުމް ކުރެއްވި މައްސަލައެއްގައި ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ދޫކުރި ފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރި ކަމަށް ބުނާ މައްސަލައެވެ. އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާއެއް ބެލުމުން ތަނާޒުލްވެފައި ވަނީ ހަގީގަތާ ހިލާފަށް މައުލޫމާތެއް ހިއްސާ ކުރުމަށްފަހު ކަމަށް ބެލެވޭ މައްސަލައެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް އެކި އެކި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ، ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާފައެވެ.