ގެސްޓްހައުސް ހުންނަ ރަށްރަށުގައި މާސްކް އެޅުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޖުބޫރު ކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީގެ) ސްޕޯކްސް ޕާސަން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ރަށްރަށުގައި ގެސްޓްހައުސްތައް ހުލުވާލަން ނިންމާފައި ވާއިރު، ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުގައި މާސްކް އެޅުން މަޖުބޫރު ކުރުމާ ގުޅޭ އެންގުން ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށެވެ.

ރިސޯޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް މި މަހުގެ 15ގައި ހުޅުވަން މިހާރު ވަނީ ހަމަޖެހިފައެވެ.

މިހާރު އާންމު ކޮށްފައި ވާ ގައިޑްލައިންގައި، ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސް ތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކައުންސިލްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރުމާއި އެރަށެއްގައި ކޮވިޑް ޓާސްކްފޯހެއް އޮންނަން ޖެހުމުގެ އިތުރުން މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުން އަދި ފްލޫ ކްލިނިކެއް ހުރުމާއި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން ހިމެނެއެވެ.

މީގެ އިތުރުން 500 އަށްވުރެ ގިނަ އެނދު ހުންނަ ރަށްތަކުގައި މީހުން އެކަހެރި ކުރާނެ 15 ކޮޓަރި، 100 އާއި 500 އާދެމެދުގެ އެނދު އޮޕަރޭޓް ކުރާ ރަށްތަކުގައި އަށް ކޮޓަރި އަދި 100 އެނދު ހަމަނުވާ ރަށްތަކުގައި މީހުން އެކަހެރި ކުރާނެ ފަސް ކޮޓަރި ހުންނަން ޖެހޭނެއެވެ.

ރަށްރަށުގެ ގެސްޓް ހައުސްތަށް އަންނަ މަހު ހުޅުވާލަން ނިންމާފައި ވީ ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ނިންމާފައި ވަނީ ނޮވެމްބަރު މަހު ކުރީކޮޅު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.