އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، މިއަދު ވާޗުއަލް ކޮށް ބައްދަލު ކުރައްވައިފިއެވެ.

ޕޮރިން މިނިސްޓްރީން ބުނީ މިއަދު ޝާހިދު ބައްދަލު ކުރައްވާފައި ވަނީ އިންޑޮނީޝިއާ އަދި މެލޭޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ހައިކޮމިޝަނަރުންނާއި، ލާއޯސް، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އެމްބެސެޑަރުންނާ ކަމަށެވެ.

އެ ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއާއި އާސިއާންގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރާއި ސަފީރުން ހިއްސާ ކުރެއްވި ކަމަށާއި ރާއްޖެއާއި އާސިއާންގެ ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން ބަދަހި ކުރުމާއި، މަލްޓިލޭޓަރަލް ފޯރަމް ތަކުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.