ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާ ދިން ބަޔާނެއް ފުލުހުން ބަދަލުކުރި ކަމަށް ތުހުމަތު ފުލުހުން ދޮގު ކޮށްފިއެވެ.
ފުލުހުންގެ އައިއޯއިން ބަޔާން ބަދަލު ކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވެފައި ވާ ވީޑިއޯއަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ވިކްޓިމް އެއްގެ ބަޔާނެއް ބަދަލު ކުރަނީ ކަމަށް ތުހުމަތުކޮށް ވިކްޓިމްގެ ގާނޫނީ ވަކީލަކު އިއްޔެ ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯއަކީ ވިކްޓިމް އާއި ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަވިއު ރެކޯޑިންގް އަކަށް ފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓް ކުރުގެ މަރުހަލާގައި ތަހްގީގު ކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަ ތަކެއްގެ ވީޑިއޯ ކްލިޕެއް ކަމަށެވެ.
އަދި އެއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން ސޯޝަލްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާތާ ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ގާނޫނީ ވަކީލުންނާ ސީދާ ކުރެވިފައިވާ މުއާމަލާތެއް ނޫންކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ކުރެވޭ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެވާހަކަތައް އިތުރަށް ސާފުކޮށް ތަހުގީގުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމާއި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަހްގީގު ކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓް ކުރުމަކީ އާންމު އުސޫލުންވެސް އަމަލު ކުރެވޭ ގޮތް ކަމަށާއި އެއީ ތަހްގީގަށް ނެގޭ ބަޔާން ބަދަލު ކުރުން ނޫން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އަދި ތަހްގީގުގައި ކުރެވޭ އިންޓަވިއު އަށް ފަހު، ބަޔާން ލިޔެ، އިންޓަވިއު ކުރެވޭ ފަރާތާއި އިންޓަވިއު ކުރެވޭ ފަރާތުގެ ގާނޫނީ ވަކީލުން ބަލައި ޗެކް ކުރުމަށް ފަހު ގެންނަން ބޭނުންވާ ބަދަލެއް އޮތްނަމަ އެބަދަލެއް ގެނައުމަށް ފަހު ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމަކީ ތަހްގީގުގައި އާންމުކޮށް އަމަލު ކުރެވޭ އުސޫލު ކަމަށްވެސް ބުނެއެވެ.
ވަކިން ހާއްސަކޮށް މިހާރު އޮންލައިން ކޮށް އިންޓަވިއު ކުރުމަށް އަމަލު ކުރާ އުސޫލުގައި އިންޓަވިއު ކުރެވޭ ފަރާތުގެ ބަޔާން ޓައިޕް ކުރުމަށް ފަހު އެފަރާތުން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސޮފްޓް ކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމު ވެސް ހަމަޖެހިފައި ވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ސޯޝަމް މީޑިއާގައި ދައުރު ކޮށްފައިވާ ވީޑިއޯ ކްލިޕަކީ ފުލުހުން ތަހްގީގު ކުރަމުން ދާ މައްސަލައިގެ ވިކްޓިމްގެ ފަރާތުން ވަކާލާތު ކުރުމަށް ގާނޫނީ ވަކީލުން އައްޔަނު ވުމަށް ފަހު، ކުރިން ތަހްގީގަށް ވިކްޓިމް ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައި ވަނިކޮށް އިތުރު މައުލޫމާތު ހިމެނުމަށް ބޭނުން ވާތީ ވިކްޓިމް އާ އަލުން އިންޓަވިއު ކުރުމަށް އެދި ވިކްޓިމްގެ ގާނޫނީ ވަކީލުން ފުލުހަށް ލިޔުމުން ހުށަހެޅުމުން ގާނޫނީ ވަކީލުންގެ ހާޒިރުގައި ކުރެވިފައިވާ އިންޓަވިއު އަކަށް ފަހުގައި ދެވަނަ ފަހަރަށް އިންޓަވިއު ފެށުމާއި ދޭތެރޭ ތަހްގީގު ކުރި ފަރާތްތަކުން ބަޔާނުން އިސްލާހު ކުރުމަށް ހުށަހެޅި ކަންކަމާ މެދު މަޝްވަރާ ކުރުމަށް ދެކެވުނު ވާހަކަތަކެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެ ވީޑިއޯއަކީ ތަހްގީގުގެ ބޭނުމަށް ފުލުހުން ކޮށްފައިވާ އިންޓަވިއު އަކަށް ފަހު ކުރެވިފައިވާ ރެކޯޑަކަށް ވާއިރު އެ އިންޓަރވިއު އަށް ވަކީލުންނަށް އެކްސެސް ދީފައި ވަނީ ތަހްގީގުގެ ބޭނުމަށް ކަމަށް ވާއިރު، އިންޓަވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމްއާ މެދު ހިންގާފައި ވާ އަމަލުތަކުގެ މައުލޫމާތު ހާމަވާނެހެން، މުޖުތަމައުގެ ތެރެއަށް ވީޑިއޯ އެގޮތަށް އާންމު ކުރުމަކީ ވިކްޓިމްގެ ހައްގުތަކަށް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއް ކަމުގައި ދެކޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި ފުލުހުން ހިންގާ ޖިނާއީ ތަހްގީގުތަކުގައި ބައިވެރިވާ ގާނޫނީ ވަކީލުން، ތަހްގީގުގެ ތެރޭގައި ކުރެވޭ އިންޓަވިއު ނުވަތަ މަސައްކަތް ކުރާ ގޮތަކާ މެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފައި ވާ ނިޒާމްގެ ބޭނުން ކުރުމެއް ނެތި އިންޓަވިއު ރެކޯޑިންގެ ބައިތައް ފަދަ ތަހްގީގާ ގުޅުން ހުރި މައުލޫމާތު ހިމެނޭ ކޮންޓެންޓް އާންމު ކޮށް، ކުށުގެ އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު އެގޮތަށް އާންމު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަސައްވުރު ކިލަނބުވާ ގޮތަށް ހަގީގަތާ ހިލާފު ތުހުމަތު ކޮށް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއް ކަމުގައި ފުލުހުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ޝަކުވާ އުފުލި ފަރާތުން އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ބަޔާން ކޮށްފައި ވާތީ އެކަމާ ގުޅިގެން އެކޮމިޝަނުން ކުރާ ތަހްގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އަދި އެ މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ އާއްމު ކުރަމުން ކުރި ޓުވީޓެއްގައި އަނިޔާ ލިބުނު މީހާގެ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ފުލުހުންގެ މައްސަލަ ބަލާ އޮފިސަރުން ހަމަލާގެ ޝިކާރައަކަށް ވީ އަންހެން މީހާގެ ވަކީލުންނަށް މަލާމާތްކޮށް އަންހެން މީހާގެ ބަޔާން ބަދަލު ކުރަން މަސައްކަތް ކުރާ ތަން ސާފުކޮށް ވީޑިއޯއިން ފެންނަ ކަމަށެވެ.
ކެންޔާ އަންހެން މީހާގެ ވަކީލުންގެ ޓީމުން ބުނީ ވީޑިއޯގައި ފެންނަ ކަންކަން އިތުރަށް ބަލައި ދިނުމަށް ފުލުހުންގެ އިދާރާގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި ނޭޝަނަލް އިންޓާގްރިޓީ ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އުފުލައިގެން ތިބި އިދާރާ އަކުން މައުސޫމު އަންހެނެއްގެ ހައްޤުތަކަށް މި ގޮތަކަށް ޖޯކު ޖެހުމަކީ ވަރަށް ވެސް މުޑުދާރު އަމަލެއް ކަމަށް ވެސް އަންހެން މީހާގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
އަދި މި ވީޑިއޯ އަކީ މައްސަލަ ބަލާ އޮފިސަރަށް ސްކައިޕް މެދުވެރިކޮށް އޮޅިގެން ފޮނުވުނު ވީޑިއޯއެއް ކަމަށް ވެސް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.