ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާ ދިން ބަޔާނެއް ފުލުހުން ބަދަލުކުރާކަން ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކުކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ އާއްމުކުރަމުން ކުރި ޓުވީޓެއްގައި އަނިޔާ ލިބުނު މީހާގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ ފުލުހުންގެ މައްސަލަ ބަލާ އޮފިސަރުން ހަމަލާގެ ޝިކާރައަކަށްވީ އަންހެން މީހާގެ ވަކީލުންނަށް މަލާމަތްކޮށް އަންހެން މީހާގެ ބަޔާން ބަދަލުކުރަން މަސައްކަތް ކުރާ ތަން ސާފުކޮށް ވީޑިއޯއިން ފެންނަ ކަމަށެވެ.

ކެންޔާ އަންހެން މީހާގެ ވަކީލުންގެ ޓީމުން ބުނީ ވީޑިއޯގައި ފެންނަ ކަންކަން އިތުރަށް ބަލައިދިނުމަށް ފުލުހުންގެ އިދާރާގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާ ނޭޝަނަލް އިންޓާގްރިޓީ ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅާފާ ވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އުފުލައިގެން ތިބި އިދާރާއަކުން މައުސޫމު އަންހެނެއްގެ ހައްޤުތަކަށް މި ގޮތަކަށް ޖޯކު ޖެހުމަކީ ވަރަށް ވެސް މުޑުދާރު އަމަލެއް ކަމަށް ވެސް އަންހެން މީހާގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

އަދި މި ވީޑިއޯ އަކީ މައްސަލަ ބަލާ އޮފިސަރަށް ސްކައިޕް މެދުވެރިކޮށް އޮޅިގެން ފޮނުވުނު ވީޑިއޯއެއް ކަމަށް ވެސް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެކަން ހިނގާފައި އޮތްގޮތް ބެލުމަށްފަހު އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިންގި ޖިންސީ ގޯނާގެ މައްސަލައަކީ، ރޭޕް ކޭސްއެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމުގައި ތުހުމަތުވާ މީހުން މަސްތުގެ ހާލުގައި ތިބި ކަމަށް ރިޕޯޓު ކޮށްފައި ވީނަމަވެސް، ފުލުހުން އެމީހުންގެ ސާމްޕަލެއް ނަގާ ޓެސްޓް ކޮށްފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރުކުރި އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅުވައިގެންނެވެ.

އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ފުލުހުން ވަނީ، އެ މީހުން ދޫކޮށްލާފައި ވީ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.