ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، 21 އަހަރުގެ އަދުހަމް މުހައްމަދަށް ދިފާއީ ވަކީލަކު ހަމަޖައްސަން މުއާމަލާތް ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ، ވަކީލަކު އައްޔަނު ކުރުމަށް ދެއްވި މުއްދަތުގައި ވަކީލަކު އައްޔަނު ކުރައްވާފައި ނުވަނީ ކީއްވެތޯ ސުވާލު ކުރެއްވުމުން އަދުހަމު ބުނީ، ވަކީލަކު އައްޔަނު ކުރުމަށް ފޯމެއް ހުށައަޅައިގެންވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

އަދި އަދުހަމް ބުނީ އޭނާ "ކޮތަރުކޮއްޓެއް" ފަދަ ގޮޅިއެއްގައި ބަންދު ކޮށްފައި އޮންނައިރު، ކަރެކްޝަން އިން ފޯން ކޯލްގެ ފުރުސަތުތައް ނުދޭތީ ވަކީލަކު ހޯދަން މުއާމަލާތް ކުރަން ފުރުސަތު ނުލިބޭ ކަމަށެވެ.

ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ބުނީ ވަކީލަކު ހަމަޖެއްސިދާނެ ކަމަށް ގަބޫލު ނުކުރެވޭޭ ކަމަށާއި އެހެންކަމުން ވަކީލަކާ ނުލައި އަމިއްލައަށް ދިފާއުވާން ބޭނުންވާ ކަމަށެވެ. ނަމަވެސް ދައުވާއާ ގުޅޭ ހުރިހާ ލިއެކިއުންތައް ބޭނުންވާކަން އަދުހަމު ފާހަގަ ކުރިއެވެ.

ވަކީލަކު ބޭނުން ނުވާކަން އަދުހަމު ފާހަގަ ކުރުމާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންގޮސް، ދިފާއީ ވަކީލު އަތުގައި ހުރި ލިއެކިއުންތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އެ ލިއެކިއުންތައް ކަރެކްޝަންސް މެދުވެރިކޮށް މިއަދު ހަވާލު ކުރައްވާނެކަން ދައުލަތުން ފާހަގަކުރިއެވެ.

ނަމަވެސް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން އާ ވަކީލަކު ހަމަޖެއްސުމަށާއި ވަކީލު މުއާމަލާތް ކުރުމަށް ދައުލަތަށް ޝަރީއަތުން އެންގޭނެ ކަމާއި ވަކީލާ މުއާމަލާތް ކުރުމުގެ ފުރުސަތާއި ވަކީލް ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސަން އަމުރު ނެރެވިދާނެ ކަން ގާޒީ ފާހަގަ ކުރެއްވުމުން އަދުހަމް ބުނީ އެ ފުރުސަތުތައް ލިބޭނަމަ ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

އެ ފުރުސަތު ދެއްވުމަށް ނިންމަވައި އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކޮށްފައި އެ މައްސަލަ މިއަދަށް މެދުކަނޑާލި ނަމަވެސް އެ މައްސަލައިގެ ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ އިއުލާނު ކުރައްވާފައެއް ނުވެއެވެ.

އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެށް ބާއްވަފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހެވެ. އެ އަޑުއެހުމުގައި އަދުހަމް ވަނީ ދައުލަތުގެ ވަކީލާއެކު ކުރިއަށް ދާން ބޭނުން ނުވާކަމަށް ބުނެ އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމަށް އެދިފައެވެ. އަދި މައްސަލައިގެ ތުހުމަތުގައި ޖަލުގައި ހޭދަކުރި 5 މަސް ދުވަހުގެ ތެރޭގައި ދައުލަތުން ހަމަޖައްސައި ދިން ވަކީލާ އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާ ކަމަށް އޭނާ ބުނެފައި ވާއިރު، ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އޭނާއަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

އަނިޔާވެރިގޮތަކަށް އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުން މިދިޔަ ޑިސެމްބަރު މަހު 4 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލާގައި ގާސިމް މަރާލުމަށް އަދުހަމް ވަނީ ފުރަތަމަ އިއުތިރާފްވެފައެވެ.

ގާސިމަށް ވަޅިން ބިރު ދައްކާ އޭނާގެ އަތުން ފައިސާ ފޭރިގަތުމަށް އަދުހަމް މަސައްކަތް ކޮށްފައިވާއިރު، އޭނާއަށް އެކަން ކާމިޔާބުވެފައި ނުވަނީ، ގާސިމް އަމިއްލަ ދިފާއުގައި އަދުހަމް އަތުން ވަޅި އަތުލުމަށް މަސައްކަތް ކުރުމުންނެވެ. އަދި ގާސިމަށް ވަޅިން ހަމަލާދީފައި ވަނީ ގާސިމްގެ ހަޅޭކުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް އަދުހަމް ފުލުހުންނަށް ދީފައިވާ އިއުތިރާފުން އެނގެއެވެ. ގާސިމްގެ ކާރަށް އަދުހަމް އެރީ ފޭރުމަށް ކަމުގައި ވިޔަސް، ގާސިމަށް ވަޅިން ހަމަލާ ދިނުމަށް ފަހު، އެ ކުރެވުނީ މާ ބޮޑު ކުށެއް ކަން އިހުސާސްވެ، އިތުރަށް ފޭރެން މަސައްކަތް ނުކޮށް، އަދުހަމް ވަނީ އެ ސަރަހައްދުން ފިލާފައެވެ.

ނަމަވެސް މައްސަލަ ކޯޓާ ހަމައަށް ގޮސް، ޝަރީއަތުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އިންކާރުކޮށްފައެވެ. އަދުހަމް ބުނެފައި ވަނީ ކުރިން އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރަނީ ފުލުހުން އޭނާއަށް މަސްތުވާ އެއްޗެހި ދީގެން މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި އަދި އޭނާ މަރާލަން ބޭނުންކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން މަގު ކައިރީ ހުރި ގަސްތަކުގެ ތެރެއިން ހޯދާފައެވެ. އަދި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް އެނެލައިޒްކޮށް، ގާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ވެސް ދެނެގެންފައެވެ.