ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުރާ ހޭދައަކީ ހަމައެކަނި މާލީގޮތުން ކުރާ އިންވެސްޓްމަންޓަކަށް ވެގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނަބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އިން އިސްނަގައިގެން ރޭ އޮންލައިންކޮށް ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައާއި މުސްތަގްބަލުގައި ވެސް ދިމާވެދާނެ މިފަދަ ސިއްހީ ކާރިސާއަކުން ރައްކާތެރި ވުމަށްޓަކައި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުރާ ހޭދައަކީ ހަމައެކަނި މާލީގޮތުން ކުރާ އިންވެސްޓްމަންޓަކަށް ވެގެން ނުވާނެކަމަށެވެ.
އަދި، ހެޔޮ ބަދަލެއް ގެނައުމަށް ވަގުތާއި ހިޔާލާއި އިހުލާސްތެރިކަމަށް ވެސް އިންވެސްޓުކުރަން އަޒުމް ކަނޑައަޅަން ޖެހޭކަމުގައި މެޑަމް ފަޒްނާ ވިދާޅުވެއްޖެއެވެ.
މި ވެބިނާގައި ވާހަކަ ދައްކަވަމުން މެޑަމް ފަޒްނާ ވަނީ މުޖުތަމައެއް އާރާސްތު ކުރުމުގައި ނަފްސާނީ ދުޅަހެޔޮ ކަމުގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތު ކަން ކުޑަ ކުރެވިއްޖެ ނަމަ، މި ހާލަތުން އަރައިގަތުމަށް ކުރަމުން ދާ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެން ދާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވަނީ، ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަމަށް ބޭނުންވެފައި ވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހާއްސަ ނިޒާމެއް ގާއިމު ކޮށްފައި ވާތީ އެކަމާ އުފާކުރައްވާ ކަން ހާމަ ކުރައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ނަފްސާނީ ސިއްހަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ނަފްސާނީ ދުޅަހެޔޮކަން ކުރި އެރުވުމަށް ގައުމީ ފެންވަރުގައި ކުރަމުން ދާ މަސައްކަތް ތަކަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްދިނުމާ ގުޅޭ ގައުމީ ފެންވަރުގެ ސިޔާސަތުތަކެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ތަންފީޒު ވެގެން ދިޔުމަކީ އެކަމަނާ އުންމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި، އޭގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް ކުރަމުން ދާ މަސައްކަތް ތަކަށް އިތުރު ބާރުވެރި ކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން "ކޯޑް އޮފް އެތިކްސް" އެކުލަވައި ލެވޭނެ ކަމަށެވެ. އަދި، އެފަދަ ސިޔާސަތެއް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުހަލާގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ހިޔާލުތަކަށް މަރުހަބާ ކިޔުމަށް ވެސް މެޑަމް ފަޒްނާ ވަނީ އެދިވަޑައިގެންފައެވެ.