މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށް، ކިލޯއަކުން 2 ރުފިޔާ ކަނޑާލާފައިވާ ކަމަށް މަސްވެރިންގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މީގެ ކުރިން ފިނިކުރި މަސް، 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް 18 ރުފިޔާ އަށް ގަންނަމުން ދިޔަ އިރު، ފިނި ނުކުރާ މަސް ކިލޯއެއް ގަންނަމުން ދިޔައީ 16 ރުފިޔާ އަށެވެ. ނަމަވެސް އަގަށް ގެނައި ބަދަލާއެކު މިފްކޯގެ ސައިޓްތަކަށާއި ބޯޓުފަހަރަށް މަސް ކިލޯއެއް ގަންނަމުން ދާނީ 16 ރުފިޔާ އަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާ އަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ ކިލޯއެއް 9 ރުފިޔާ އަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 7 ރުފިޔާއަށެވެ.

މިފްކޯއިން އަގުތަކަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ ސެޕްޓެމްބަރުމަހު ފަހުކޮޅެވެ. އޭރު ވެސް ވަނީ މަހުގެ އަގުން ކިލޯއަކުން 2 ރުފިޔާ ކަނޑާލާފައެވެ.

އެމިކަމާ ގުޅިގެން މިފްކޯގެ މެނޭޖިން ޑައިރެކްޓާ އިސްމާއިލް ފައުޒީ "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވާ ގޮތުގައި، މަހުގެ އަގަކީ ކޮންޓްރޯލް ކޮށްފައި އޮންނަން ޖެހޭ އެއްޗެއް ނޫނެވެ. އަދި އެގޮތަށް ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެކު ރާއްޖޭގެ މަހުގެ އަގަށްވެސް ބަދަލު އަންނާނެއެވެ.

ފައުޒީ ވިދާޅުވީ ފާއިތުވެ ދިޔަ 7 އަހަރު މަސް ގަންނަމުން ދިޔައީ ދުނިޔޭގެ ބާޒާރުގެ އަގަށް ބެލުމެއް ނެތި ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސްވެރިންގެ އަތުން މަސް ގަނެ، ފައިސާ ދޭން އޮންނަ މުއްދަތުގައި ފައިސާ ނުދެވުން ކަމަށެވެ. ނަމަވެސް މިހާރު އަމަލު ކުރަން ފެށި އެ އުސޫލުގެ ސަބަބުން އެކަމަށް ހައްލެއް ހޯދައި ދެވިގެންދާނެ ކަމަށާއި މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މިފްކޯއަށާއި މަސްވެރިންނަށްވެސް ބޭނުންވާ ހިސާބަކަށް ދެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލުމާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު އިއުލާން ކޮށްފައެވެ. އެގޮތުން 1.5 ކިލޯ އަށްވުރެ ބަރު މަހާއި ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށާއި 1.5 ކިލޯއަށް ވުރެ ދަށް މަހާއި ކަންނެލި ކިލޯއެއްގެ އެންމެ ދަށްކޮށް ގެނެވޭނެ އަގަކީ 5 ރުފިޔާ 15 ލާރިއަށް ކަމަށް ވަނީ ހަމަޖައްސާފައެވެ.