އުއްމީދީ ފައިދާއަށް ވާސިލުވުމުގެ ބިންގަލަކީ އެއްބައިވަންތަކަމައި ޒިންމާދާރުކަން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، ގެސްޓްހައުސްތައް މި މަހު 15 ގައި ހުޅުވަން ފަށާ އިރު، އުއްމީދީ ފައިދާއަށް ވާސިލުވުމުގެ ބިންގަލަކީ އެއްބައިވަންތަ ކަމާއި ޒިންމާދާރުކަން ކަމަށެވެ. އެހެން ކަމުން އެންމެން އަތުގުޅާލައި ފަރުވާތެރިކަން އިސްކޮށްގެން ކޮވިޑް-19ގެ ކޭސްތައް މަދުކުރުމަށް ރައްޔިތުން ކުރަމުންދާ މިންނެތް މަސައްކަތުން، މިކަން ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މާލެ، ހުޅުމާލެ އަދި ވިލިމާލެ އޭރިއާގެ ހޮޓެލް، ގެސްޓްހައުސް އަދި ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރު މަހު ކުރީކޮޅު ހުޅުވޭވަރު ވާނެ އެވެ. އަދި އެކަމަށް ބޭނުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 5 ޕަސަންޓަށްވުރެ ދަށް ދެ ހަފްތާ ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ. މައުސޫމް ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓު ކުރީ މީހުންގެ ނިސްބަތުން ޕޮޒިޓިވްވާ މީހުން 5 ޕަސަންޓަށް ވުރެ ދަށް އަދަދެއްގައި ވިދިވިދިގެން ހުރުމަކީ އެއީ ގެސްޓްހައުސް ހުޅުވޭނެ މިންގަނޑު ކަމަށެވެ.

ނަމަވެސް މި އޮކްޓޯބަރުމަހު 15 ގައި އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވާނެއެވެ. ނަމަވެސް ގެސޤޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްތަކަށް ދަތުރުކުރާއިރު ކަރަންޓީނުވާން ޖެހޭނެ ކަމަށް ބުނެފައިވާއިރު، އެޗްއީއޯސީން ވަނީ އެކަމާ ބެހޭ ގައިޑްލައިނެއް ވަރަށް އަވަހަށް ތައްޔާރު ކުރާނެ ކަމަށް ވެސް ބުނެފައެވެ.

ރާއްޖޭގައި 86 ރަށުގައި ގެސްޓު ހައުސް ހުންނައިރު، އެއީ ޖުމްލަ 10،000 އަށް ވުރެ ގިނަ، ރަޖިސްޓާޑް ގެސްޓް ހައުސް ބެޑެވެ. އެ 86 ރަށުގައި 6000 އަށް ވުރެ ގިނަ މީހުން ވަޒިފާ އަދާކުރަމުންއިރު، ގެސްޓް ހައުސްތައް ބަންދުކޮށްފައި އޮތުމުން މި ހުރިހާ އެންމެންގެ އާމްދަނީ ވަނީ ހުއްޓިފައެވެ.