ދޮޅުމަސްދުވަހު އެލާޓްގައި އޮތުމަށްފަހު ހުޅުމާލޭ ޖަލު އާންމު ހާލަތަށް ގެނެސްފިއެވެ.

ހުޅުމާލޭ ޖަލު އެލާޓަށް ގެންގޮސްފައި ވަނީ ޑިޓެއިނީސްއާއި ގައިދީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން، އެ ޖަލުން ވަނީ ޖުމްލަ 26 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ޑިޓެއިނީސްއާއި 16 ގައިދީއެކެވެ. ޑިޓެއިނީސް އަކީ، ރާއްޖެއިން ބޭރަށް ފުރުވާލެވެންދެން ޖަލުގައި ބައިތިއްބާފައި ތިބޭ ބޭރުމީހުންނެވެ.

މިކަމާ ގުޅިގެން ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދު ފުޅު ވިދާޅުވީ، ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ގައިދީނާއި ބަންދުމީހުންވަނީ ބަލިން ރަނގަޅުވެފައި ކަމަށާއި، ޖަލުގައި އޮތް ކަރަންޓީނު މުއްދަތު ނިމުމަކަށް އައުމުން ޖަލުވަނީ އާންމު ހާލަތައް މިއަދުން ފެށިގެން ގެނެސްފައި ކަމަށެވެ.

އަދި މިހާލަތުން އަރައިގަތުމަށް މަސައްކަތްކޮށްދިން އޮފިސަރުންނަށާއި އެންމެ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

ހުޅުމާލޭ ޖަލުން ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅު ވުމަށްފަހުވެސް އެ ޖަލު ވަނީ 14 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކަރަންޓީނު މުއްދަތެއްގެ ގޮތުގައި އެލާޓްގައި ބާއްވާފައެވެ. މިކަމާ ގުޅިގެން އެ ސާވިސްގެ މީޑިއާ އޮފިޝަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖަލު ކަރަންޓީނުގައި ވަކި މުއްދަތެއް ބާއްވާފައި ވަނީ ޖަލުން ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމަށްފަހު ވެސް އިތުރު މީހަކު ޕޮޒިޓިވްވެދާނެތީ އެކަމަށް ތައްޔާރުވުމަށް ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އަދި އެއީ، ޖަލުގައި ހައި ރިސްކު މީހުން ތިބުމާއެކު އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.