އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ރައްޔިތުންގެ ދިރިއުޅުން ވަނީ ބޮޑު ވޭނަކަށް ކަމަށް ވިދޅާުވެ، ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހްމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލު ވިދާޅުވީ ލައްކަ ދުވަހު އުޒުރު ދެއްކިއްޖެ ކަމަށާއި، ދިވެހިންނަށް ދެ ފިކުރުގެ ތަފާތު ސާފުވެއްޖެ ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަތަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިރިއުޅުން ވޭނަކަށް ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް ރަނގަޅީ ބްރިޖު އަޅާ، ތަރައްގީކޮށް، ބައެއްގެ ފައި ބުޑަށް ނުވެއްޓުން ކަމަށެވެ. ނަމަވެސް ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވެސް ވަރިހަމަ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ، މި ވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަކު ދަށަށް ނުދާ ވަރަށް ދަށަށް ގޮސް، އެތައް ބަޔަކު ހާލުގައި ޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކަށް، ފަރުދަކަށް ވުރެ ގައުމު ބޮޑުވާނެ ކަމަށާއި، ރައްޔިތުންގެ ބާރުން ހަލަތު ބަދަލު ކުރެވޭނެ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވީ، ދައުލަތުގެ އާމްދަނީއަށް ކުރަމުންދާ ނުރަނގަޅު އަސަރާއި، ނަގަމުންދާ ލޯނުތައް އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތަކަށް އަލި އަޅުއްވާލައްވަމުންނެވެ. އެގޮތުން، ކޮވިޑްގެ ބަލިމަޑުކަމާއެކު ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލު ކުރުމަށް ލޯނާއި ހިލޭ އހީގެ ގޮތުގައި މިހާތަނަށް 520 މިލިއަން ޑޮލަރު ހަމަޖެހުނު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވިދާޅުވުމަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. އެއާއެކު، ދައުލަތުގެ ބަޖެޓަށް ލިބެމުންދާ އާމްދަނީއަށްވުރެ ގިނައިން ހަރަދުކޮށް، ބަޖެޓް ޑެފިސިޓް ވަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިހާބަށް ކެމްޕެއިން ކޮސްފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުން ލިބުނު ފައިސާއަށް ކަމަށް ބުނާ ހަބަރެއް ވެސް ޖަމީލު ވަނީ އޭނާގެ ޓްވީޓުގައި ހިއްސާކޮށްފައެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގޯހެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ވެސް ޖަމީލު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ފަހަކަށް އައިސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިންޑިއާއިން ރާއްޖެ ހިފަން އުޅޭ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.