އދ. ފެންފުށީ ގެއެއް ބަލައި ފާސްކޮށް، ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސް އަދި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އދ. މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮޕަރޭޝަން ހިންގާފައި ވަނީ އޮކްޓޫބަރު 8 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދާ ގޭގައި ކަމަށް ފުލުހުން ބުނެއެވެ.

އަދި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭމުންދާ ގެ ބަލައިފާސްކުރިއިރު، އޭނާ އުޅެމުންދާ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިތަކެތީގެ ވަގުތީ ބަރުދަނަކީ 536.2 ގްރާމް ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 39 އަހަރުގެ މިހާއަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު މުއްދަތެއް ދީފައިވާއިރު، މިމައްސަލަ އދ. ފެންފުށި އަދި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.