ދަރަނީގެ ނުރައްކަލަކީ އަތް އުރާލައިން ތިބެ އެކަކު އަނެކަކަށް އިނގިލި ދިއްކުރުން ކަމަށް، ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، ދަރަނީގެ ނުރައްކަލަކީ ދަރަނި ނަގައިގެން، ދަރަނީގެ ތާވަލާ އެއްގޮތަށް ދައްކަން ކުރަން ޖެހޭ މަސައްކަތް ނުކޮށް، ދެ އަތް އުރާލައިގެން ތިބެ ދަރަނި ދައްކާ ވަގުތު ޖެހެން ދެން އެކަކު އަނެކަކަށް އިނގިލި ދިއްކޮށްލަ ދިއްކޮށްލާ ތިބުން ކަަމަށެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވީ، ރައޔްިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އެ ޓްވީޓުގައި ނަޝީދު ވިދާޅުވީ، ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަން ޖެހޭ އިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. އަދި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ގިނަ ދަރަނި ތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ދައްކަން ޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައި ކަމަށާއި، އެންމެ ގިނައިން ދަރަނި ދައްކަން ޖެހެނީ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ކަމަށެވެ. އެހެން ކަމުން މިއަދުގެ ހާލަތަށް ރިއާޔަތްކޮށް އެންމެ ބުއްދިވެރިގޮތް ކަމަށް ފެނިވަޑައިގަންނަވަނީ 2012 އާއި 2018އާ ދެމެދު ނަގާފައިވާ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލައި ރީސްޓްރަކްޗާ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ޖީ-20ގެ ގައުމުތަކަށް ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ދެއްކުން ވަނީ މިއަހަރުގެ ނިޔަލަށް ފަސްކޮށްފައެވެ. އަދި މި މުހުލަތު އަންނަ އަހަރުގެ ނިޔަލަށް ދިގު ދަންމާލުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ވޯލްޑް ބޭންކުގެ ލީޑަރު ޑޭވިޑް މަލްފާސް ވެސް ވަނީ ގޮވާލައްވާފައެވެ.