ނަސްފާނީ ދުޅަހެޔޮ ކަމަށްޓަކައި ތިމާއަށާއި ތިމާގެ ގާތް މީހުންނަށް ހިތްހެޔޮ ވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ގޮވާލެއްވީ، މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. ނައިބު ރައީސް ވިދާޅުވީ، ކުރިން ދެނެގަނެވިފައި ނުވާ ކުރެވިފައި ނުވާ ކޮވިޑް-19ގެ ސަބަބުން، ގިނަ ބައެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ނޭދެތޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި މި ދަތި ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުންދާއިރު، އެކަކު އަނެކަކަށްޓަކައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ނަސްފާނީ ދުޅަހެޔޮ ކަމަށްޓަކައި ތިމާއަށާއި ތިމާގެ ގާތް މީހުންނަށް ހިތްހެޔޮވުމަށް ގޮވާލައްވާފައެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހަކީ ކޮންމެ އަހަރަކު ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ. މިއަހަރުގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަ ކުރަމުން މިދަނީ، ގޮތްނޭނގޭ ބަލިމަޑުކަމެއްގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރުތަކެއް ފޯރާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މި ބަލިމަޑުކަމުގައި އެތައް ހާސް ބަޔަކަށް ނަފްސާނީ ގޮތުން ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރުވެސް، މި ބަލިމަޑުކަމުގެ ތެރޭގައި، ނަފްސާނީ ބަލިތައް ވަނީ ދެގުނައަށް އިތުރުވެގެން ގޮސްފައެވެ