މިއަދުގެ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ 2012 އާއި 2018އާ ދެމެދު ނަގާފައިވާ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލާ ބިނާ (ރީސްޓްރަކްޗާ) ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަން ޖެހޭ އިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. އަދި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ގިނަ ދަރަނި ތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ދައްކަން ޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައި ކަމަށާއި، އެންމެ ގިނައިން ދަރަނި ދައްކަން ޖެހެނީ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ކަމަށެވެ. އެހެން ކަމުން މިއަދުގެ ހާލަތަށް ރިއާޔަތްކޮށް އެންމެ ބުއްދިވެރިގޮތް ކަމަށް ފެނިވަޑައިގަންނަވަނީ 2012 އާއި 2018އާ ދެމެދު ނަގާފައިވާ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލައި ރީސްޓްރަކްޗާ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ޖީ-20ގެ ގައުމުތަކަށް ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ދެއްކުން ވަނީ މިއަހަރުގެ ނިޔަލަށް ފަސްކޮށްފައެވެ. އަދި މި މުހުލަތު އަންނަ އަހަރުގެ ނިޔަލަށް ދިގު ދަންމާލުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ވޯލްޑް ބޭންކުގެ ލީޑަރު ޑޭވިޑް މަލްފާސް ވެސް ވަނީ ގޮވާލައްވާފައެވެ.
މަލްޕާސް ވިދާޅުވީ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ބައެއް ގައުމުތަކަށް ދަރަނި ދެއްކުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ގައުމުތައް އިތުރަށް ދަރަނިވެރި ވިޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ދަރަނި ދެއްކުން ލަސްކުރުން ނުވަތަ ލުއި ގޮތްތަކެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރަނި ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހަދައިނުދީފި ނަމަ ކުރިއަރަމުން އަންނަ ޤައުމުތަކަށް ދަރަނީގެ ބޮޑެތި މައްސަލަތައް ނިކުންނާނެ ކަމަށާއި، ބައެއް ގައުމުތަކުން މިހާރުވެސް މާލީ މައްސަލަތަކާ ކުރިމަތިލާފައިވާ ކަމަށް މަލްޕާސް ވަނީ ވިދާޅުވެފައެވެ.
އަދި އދގެ އާންމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހާ ހުރި ހަމައެކަނި ފަރަގަކީ ތާރީހުކަމަށާއި، އިގްތިސާދީ ހާލަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންކަމުން ލޯނުތަކާ ދަރަނި ދެއްކުން އަންނަ އަހަރުގެ ނިޔަލަށް ފަސްކޮށްދެވުމަށް އޭނާ ގޮވާލެއްވިއެވެ.