އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާއާއި އޭނާގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ހެޔޮދުއާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ﷲގެ ރަހްމަތްފުޅާއެކު ހާލު ވަރަށް ރަނގަޅު ކަމަށް ވިދާޅުވެ އޭނާ ވަނީ އެންމެނަށް ސަލާމަތް ސިއްހަތެއް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައެވެ.

އަކްރަމް ޕޮޒިޓިވް ވެފައި ވާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 35 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 30 ދިވެހިން ހިމެނެއެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،656 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9547 އަށް އަރާފައެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ޖުމްލަ 1068 ކޭސް އުޅޭއިރު، އޭގެ ތެރެއިން ހޮސްޕިޓަލުގައި 63 މީހަކަށް ފަރުވާ ދެމުން އެބަދެއެވެ. އަދި އައިސީޔޫގައި 2 މީހަކަށް ފަރުވާ ދެމުން ދާއިރު، އައިސޮލޭޝަން ފެސިލިޓީ ތަކުގައި ތިބީ 387 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވް ވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.