އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވި ހުރި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ 12778 އެވިޑެންސްގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅައާއި އެހެނިހެން 79225 އައިޓެމެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 324.05 ކިލޯގްރާމެވެ. މީގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިން، 158.8 ކިލޯގްރާމްގެ ކެނަބިސް، 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓްގެ އިތުރުން 14.9 ކިލޯގްރާމްގެ ކޮކެއިން އަދި 1.7 ކިލޯގްރާމްގެ އެމްޑީއެމްއޭއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ފުލުހުންގެ އިސްވެރިންނާއި މިނިސްޓަރު އިމްރާން / ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކާގައި މަސްތުވާތަކެތި ސަލާމަތްވެފައިވާ މުޖުތަމައުއެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އެމަސައްކަތްތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ މިގޮތަށް އަތުލައިގަނެވޭ މަސްތުވާތަކެތި ތަހުގީގު މަރުހަލާ ނިންމައި ވީހާވެސް އަވަހަށް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުން ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރު އިމްރާނާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން، ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުންނާއި މީޑިއާގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.