އެމްޓީސީސީގެ ބޮޑު ޑްރެޖަރު، މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަހަރަކު 1 މިލިއަން ޑޮލަރު ސަލާމަތްވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީގެ އެންމެ ބޮޑު ކޮންނަ ބޯޓު ކަމަށްވާ މަހާޖައްރާފު ދިވެހިންނަށް ބަދަލު ކުރުމުން އަހަރަކު 1 މިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެ ކަމަށެވެ. އަދި އެތައް ގާބިލު ދިވެހިންނަކަށް ވަޒީފާތަކެއް ލިބިގެންދިޔަކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ މިއީ ރާއްޖެއަށާއި އެމްޓީސީސީއަށް އުފާވެރި ދުވަހެއް ކަމަށެވެ.

ބިދޭސީ ފަޅުވެރިންނާ އެކު މަސައްކަތް ފެށި މަހާ ޖައްރާފުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ 17 ދިވެހިން ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ ތެރޭގައި ބޯޓުގެ ކެޕްޓަން، 2 ޗީފްއޮފިސަރުން، ޗީފް އިންޖިނިއަރު، ސެކަންޓް އިންޖިނިއަރު، 4 ޕައިޕް އޮޕަރޭޓަރު، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރު، އަދި ކްރޫއިންނާއި ކައްކާ ހިމެނެއެވެ.

2017 ވަނަ އަހަރު އެމްޓީސީސީން ރާއްޖެ ގެނައި މަހާ ޖައްރާފަކީ މި ސަރަހައްދުގައި ވެސް އޮތް އެންމެ ބޮޑު އެއް ކޮންނަ ބޯޓެވެ.

މަހާ ޖައްރާފުގެ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމުގެ ގޮތުން 2018 ވަނަ އަހަރުން ފެށިގެން އެމްޓީސީސީން ވާނީ ބޯޓުގައި ތިބި ބިދޭސީ ފަޅުވެރިންގެ އިލްމާއި ތަޖުރިބާގެ އެންމެ ފުރިހަމަ ބޭނުން ހިފާ އެބޭފުޅުންގެ ގާތުން ދިވެހި ފަޅުވެރިންނަށް ބޭނުންވާ ތަމްރީން ދީފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މަހާ ޖައްރާފްގައި މިވަގުތު މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަކީ މަސައްކަތައް ޤާބިލް މުވައްޒަފުންކަމުގެ ޔަޤީންކަން އަރުވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރާނެއެވެ.

ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އައިއެޗްސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕާ ސަކްޝަންޑްރެޖާ، މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. މިއުޅަނދަށް އެއްފަހަރާ 3,700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެއެވެ.