ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް 8.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދައުލަތުގެ ބަޖެޓް ޑެފިސިޓް 8.7 ބިލިއަނަށް އަރާފައި ވާއިރު، މިއަހަރަ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަށް ލިބިފައި ވަނީ 10.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 8.2 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ހޯދި ފައިސާއެެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި، 1.9 ބިލިއަން ރުފިޔާ ހޯދާފައި ވާއިރު، އޭގެ ތެރޭގައި ޖޫރިމަނާ ކޮށްގެން ހޯދި 100 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 592 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.

މި އާމްދަނީ އިން، ވަނީ ސަބްސިޑަރީ ލޯނު ދެއްކުމަށް 144 މިލިއަން ރުފިޔާގެ ލުޔެއް ދީފައެވެ. އެހެންކަމުން އެ އަދަދު އާމްދަނީގެ ގޮތުގައި ނުބަލައެވެ.

މިއަހަރު ޕެންޝަނާއި، މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 7.3 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިދާރީ ހަރަދުތަކަށް 5.9 ބިލިއަން ރުފިޔާ އަދި ގެއްލުމުގެ ގޮތުގައި ނުވަތަ އަނބުރާ ނުލިބޭނެ ފައިސާގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މުދަލާއި، އިމާރާތްތައް އަދި ތަރައްގީގެ މަޝްރޫއުތައް ފަދަ ކަންކަމަށް ޖުމްލަ 5.1 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ލޯނުގެ ގޮތުގައިި 930 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އާމްދަނީއަށް 10.7 ބިލިއަން ލިބުނުއިރު، 19.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ ބަޖެޑް ޑެފިސިޓްގެ ގޮތުގައި 8.7 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ (ސެޕްޓެމްބަރު 27 އިން އޮކްޓޯބަރު 1 އަށް)ގެ ތެރޭގައި އާމްދަނީގެ ގޮތުގައި 7.4 ބިލިއަން ރުފިޔާ ލިބުނު އިރު، 3.4 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެހެންކަމުން މިދިޔަ ހަފްތާގައި ދައުލަތަށް ކޮށްފައި ވަނީ 4 ބިލިއަން ރުފިޔާގެ ފައިދާއެކެވެ.