ތަރައްގީ ވެފައިވާ ގިނަ ގައުމުތަކުގައި ކޮންމެވެސް އެހެން ގައުމެއްގެ އަސްކަރިއްޔާ ތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާފާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެކަމާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް ދިވެހިން އެނގެން ބޭނުން ވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ހުއްދަ ދީގެން އައިސް، އެގްރީމަންޓް ތަކުގެ ތެރެއިން ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ ތަމްރީނުތަކާއި އެބާވަތުގެ އެހެން ކަންކަމަކީ އަބަދު ވެސް ހިނގަމުންދާ ކަންކަން ކަމަށް ނަޝީދު ވިދާޅުވެއެވެ. އަދި އެއީ ހަމައެކަނި މިހާރު ހިނގާ ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދުނިޔެ އަަކީ ގުޅި ލާމެހިފައިވާ ތަނެއް ކަމަށާއި ދުނިޔޭގައި ހިނގާ ކަންކަން އިންސާފުވެރި ކަމާ އެކީގައި ހަމަޖެހޭ ގޮތަކަށް ހައްލު ކުރުމަށް ޓަކައި އެތައް ގައުމަކުން ބައިވެރިވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ދިވެހި ސަރުކާރުން ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ މަސައްކަތް ކުރަނީ އިންޑިއާ، ޖަޕާނު، އޮސްޓްރޭލިއާ، އެމެރިކާ އަދި އިނގިރޭސިވިލާތާ ގުޅިގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވާއިރު، ސަރުކާރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާރު 200 އަށް އަރާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ދާދި ފަހުން ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖެ ގެނައި އިރުވެސް އިންޑިއާގެ ސިފައިންތަކެއް އައިސްފައިވާ ކަން ހާމަ ކުރައްވާ އުމަރު މިހެން ވިދާޅުވެ، ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ތިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފަޅުކުރަމުންނެވެ. އެގޮތުން ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށާއި، އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެމީހުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.
އަދި މިހާރުވެސް ރާއްޖޭގައި 2 ހެލިކޮޕްޓަރެއް ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިންގެ 26 މީހަކު ތިބި ކަމަށާއި އެމީހުން ރާއްޖެއަށް ހެލިކޮޕްޓަރު ދިނީ، ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރުމަށް ފަހު ދިވެހިންނާ އެތަކެތި ހަކާލު ކުރަން ކަމަށާއި ނަމަވެސް އެކަން ނުކުރާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.