ކްރިމިނަލްކޯޓުގެ ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒީ އިބްރާހިމް އަލީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި ބަލަމުން ދިޔައީ ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރު ނެރުމުގެ މައްސަލައެއް ކަމަށެވެ.
އެގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްސަލައިގައި، އެކި ތާރީހުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ އަމަލުކުރައްވާފައި ނުވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
އެމައްސަލަތަކުގައި ބަންދު މުރާޖައާކޮށްދިނުމަށް އެދި 2018 ވަނަ އަހަރުގެ އޮކްޓޫބަރު 23 ގައި އާއި، ހަމަ އެ އަހަރުގެ 30 އޮކްޓޫބަރު ގައި އަދި އެ އަހަރުގެ ނޮވެމްބަރު 12 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖައާކުރުމަށް، ހައިކޯޓުގެ ހުކުމާ އެއްގޮތަށް ގާޒީ އިބްރާހިމް އަލީ އަޑުއެހުމެއް ތާވަލުކޮށްފައި ނުވާކަން ކޮމިޝަނުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ 10 މީހުންގެ ތެރެއިން އެންމެ ފަހު ފަރާތްކަމަށްވާ ވ. ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު، މިދިޔަ އަހަރުގެ އޭޕްރީލް 17 ވަނަ ދުވަހު ހައިކޯޓުން ބާތިލުކޮށް ނިންމި ނިންމުމުގައި، ވ. ބުލޫނީޔާއާގޭ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ވ. ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖޭނެކަމަށް ކަނޑައަޅާފައިވާ ކަން ޖޭއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހެޅި ނަމަވެސް، އެމައްސަލައިގައި ހިމެނޭ އެހެންފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖައާނުކޮށް ބޭއްވިގޮތަށް، ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު ވ. ބުލޫނީޔާއާގޭ މޫސާ އިބްރާހީމްގެ މައްސަލައިގައިވެސް ޕީޖީ އޮފީހުގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ގާޒީ އިބްރާހީމް އަލީ ގަސްތުގައި، ހައިކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުނުކޮށް އެމައްސަލަ ލަސްކޮށްފައިވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ޖޭއެސްސީން ބުނެފައެވެ.
ހައިކޯޓުގެ ހުކުމާ އެއްގޮތަށް ގާޒީ އިބްރާހީމް އަލީ އަމަލުނުކުރާތީ، ޕީޖީ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައި ކަމަށާއި އެގޮތުން އެންމެ ފަހުން ގާޒީ އިބްރާހީމް އަލީ އެމައްސަލައިގައި އަޑުއެހުމެއް ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ގާޒީ އިބްރާހީމް އަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމަށާއި، އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމާއި އަދި މަތީ މަރުހަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ހާލަތެއްގައިކަން ދޭހަވާފަދަ މޭރުމަކުން ހައިކޯޓުގެ ހުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ގާޒީ އިބްރާހީމް އަލީގެ ބަސްމަގު ބައްޓަންކޮށްފައިވާކަންވެސް ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
އެހެންކަމުން އެ މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، އެމައްސަލަ ބެލި ތަހުގީގު ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ގާޒީ އިބްރާހީމް އަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.
ގާޒީ އިބްރާހީމް އަލީގެ މައްޗަށް ޖޭއެސްސީން ތަހުގީގުކުރި މައްސަލައަކާ ގުޅިގެން ގާޒީ އިބްރާހީމް އަލީގެ މައްޗަށް ސާބިތުވި ކަންތައްތަކަކީ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށް އޭނާ ކޮށްފައިވާ އަމަލުތަކެއްކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
އަދި ގާޒީ އިބްރާހީމް އަލީގެ އަމަލުތަކަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލުތަކެއްކަމަށް ވާތީ، ޖޭއެސްސީގެގެ ގާނޫނުގެ ދަށުން، ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
ގާޒީ އިބްރާހީމް އަލީގެ މައްޗަށް ޖޭއެސްސީން ތަހްގީގު ކޮށްފައިވާ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީއަތް ނިމެންދެން މައްސަލައިގައި ތުހުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބުތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އިސްތިއުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖައާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް އަމަލުކުރުން ގާޒީ އިބްރާހީމް އަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެއެވެ.
އަދި ގާޒީ އިބްރާހީމް އަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން މިއަދު ނިންމާފައި ވާއިރު، ގާޒީ އިބްރާހީމް އަލީ އިތުރު ތިން ސުލޫކީ މައްސަލައެއް ކޮމިޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.