ދައުލަތުގެ އިސްވެރިންގެ އަބުރާ ބެހުނަސް، ގެއްލުމުގެ ބަދަލު އެ ބޭފުޅަކަށް ނަގައިދެވިގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާ ގުޅިގެން މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަބުރާ ބެހުނަސް، ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި އެ ފުރުސަތު ދެވެން ޖެހޭނީ އާންމުންނަށް އެކަނި ކަމަށެވެ.

އެގޮތުން ދައުލަތުގެ އިސްވެރިއަކަށް ވިޔަސް ދޮގު މައުލޫމާތު ރަނގަޅު ކުރެއްވުމަށް ދައުވާ ކުރެއްވިދާނެ ކަމަށާއި ނަމަވެސް ބަދަލު ހޯއްދަވަން ދައުވާ ކުރެވިގެެން ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ދައުލަތުގެ އިސް މަގާމުތައް ގަބޫލު ކުރައްވާނީ ތަފާތު ތުހުމަތުތައް އަންނާނެ ކަން އެނގިހުރެ، އެކަމަށާއި އެކަމަށް ރުހި ގަބޫލުވެގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވެފައި ވާއިރު، އަބުރާބެހުމުގެ ބިލަކާއެކު ޖުމްލަ 28 ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހަޅުމަށް ވަނީ ހަމަޖެހިފައެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، އާއްމު ގާނޫނުތަކުގެ ތެރޭގައި ހިމެނިގެން މިހާރުވެސް އަމަލުކުރަމުން ދާ ގަވާއިދަށް ގާނޫނީ ބާރު ލިބިދިނުމުގެ ގޮތުން ހުށަހަޅާ ބިލެއް ކަމަށާއި އެބިލު ގާނޫނަކަށް ވެގެން އަންނައިރުވެސް، އަބުރާ ބެހުމުގެ ކުށް ހިމަނާފައި އޮންނާނީ، މަދަނީ ކުށެއްގެ ގޮތުގައި ކަމަށެވެ.

އަބުރާ ބެހުމުގެ އެ ބިލަކީ، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި މީޑިއާތައް ޖޫރިމަނާ ކުރުމަށް ބޭނުންކުރި، އަދި މިސަރުކާރުން އުވާލި، އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ މުޅިން ތަފާތު ބިލެއް ކަމަށާއި ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ބިރެއް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.