ކޮވިޑް-19ގެ ވެކްސިން ހޯދުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އެހީވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ވަޑައިގެން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކަށް ސަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކުރަނީ ޑަބްލިއުއެޗްއޯ އާ ގުޅިގެން ކޯވެކްސް ފެސިލިޓީއެއްގެ ނަމުގައި ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޯވެސްކް ފެސިލިޓީގައި މިހާރު ގާތްގަނޑަކަށް 146 ގައުމަކުން ބައިވެރިވެފައިވާ ކަމަށާއި ރާއްޖެއަކީ ވެސް އޭގެ ބައިވެރިއެއް ކަމަށެވެ. އަދި މިކަމުގައި ވޯލްޑް ބޭންކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުއެވެ. ކޮވިޑް ވެކްސިން މާކެޓަށް އައުމާއެކު، އެ ވެކްސިން ރާއްޖެއަށް ހޯދަ ދޭން އިންވެސްޓު ކުރަމުން ގެންދާނެ ކަމުގެ ކޮމިޓްމަންޓެއް ވޯލްޑްބޭންކުން ދީފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި މިހާރު 10621 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރެއިން 34 މީހަކު ނިޔާވެފައިވާއިރު، މި ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދު މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.

ދުނިޔޭގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 36 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، 1 މިލިއަން މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.