ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިތުރު ކޮށްފައި ވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެން، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވަލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ނިންމާފައިވާ ގޮތުން ޑިސެމްބަރާ ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ނިންމައިގެން ކުރިއަށް ގެންދާ ކަމަށެވެ. އިންކަމް ސަޕޯޓް އެލަވަންސް ޑިސެމްބަރާ ހަމައަށް ލިބޭއިރު، އޭގެ އިތުރުން މުއްދަތު އިތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރައްވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައި ވާއިރު، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް ވަނީ 96.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އެ އެލަވަންސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކުރަން ފަށާފައި ވަނީ މޭ މަހުގެ 20 ވަނަ ދުވަހެވެ. އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއް ނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންލުން ވުމާއެކު ގިނަ އަދަދައްގެ ބައެއްގެ ވަޒީފާ އަށް އަސަރުކޮށްފައި ވަނީ ޓޫރިޒަމް ސިނާއަތުގަ މަސައްކަތް ކުރާ ފަރާތްތަކަށެވެ.