ކިރިގިސްތާނުގައި އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އިންތިހާބުގައި މަކާރާއި ހީލާތް ހަދާފައި ވާ ކަމަށް ބުނެ، އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކަށްފަހު، އެގައުމުގެ ކޮންޓްރޯލް، ރޭގެ ވަގުތެއްގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ކިރިގިސްތާނުގެ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ގައުމުގެ ބާރުތައް ގެންގޮސްފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.

މުޒާހަރާގެ ބައިވެރިން ނިކުމެ، އިދިކޮޅު ލީޑަރު ސަދީރު ޖަޕަރޯފް، ޖަލު ބަންދުން މިނިވަން ކުރި ތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އޭނާ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށްވެސް އިސްކޮށްފައެވެ.

އިންތިހާބުތަކާ ބެހޭ މަރުކަޒީ އިދާރާއިން އާދީއްތަ ދުވަހުގެ އިންތިހާބު ބާތިލު ކުރުމާއެކު، ބޮޑުވަޒީރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ކުބާތުބެކް ބޮރޮނޯފް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ރައީސް ސޫރޯންބާއި ޖީންބެކޯފް ވަނީ މަގާމުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އިޝާރާތް ކުރައްވާފައެވެ.

ބާރުގަދަ ލީޑަރަކާ މަގާމު ހަވާލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޖީންބެކޯފް ވިދާޅުވި ނަމަވެސް، އެއީ ކޮން ލީޑަރެއް ކަމަށް އޭނާ ތަފްސީލު ކޮށްދެއްވާފައެއް ނުވެއެވެ.

އާދީއްތަ ދުވަހު ކިރިގިސްތާނުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި، މަޖިލީހުން ގޮނޑި ކަށަވަރު ވާ ވަރަށް ވޯޓު ކާމިޔާބު ކުރެވުނީ އެގައުމުގައި ހިންގާ 16 ސިޔާސީ ޕާޓީގެ ތެރެއިން އެންމެ 4 ޕާޓީއަށެވެ. މީގެ ތެރެއިން 3 ޕާޓީއަކީ ރައީސް ޖީންބެކޯފްއާ ގުޅުން އޮންނަ ޕާޓީތަކެއްކަންވެސް ފާހަގަކުރަންޖެހެއެވެ.