އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތި ނައްތާލާއިރު އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނައްތާލުމަށް ހަމަޖެހިފައިވަ ނީ މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާ ނުލެވި ހުރި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މާދަމާ 02:00 އާ ހަމައަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.

އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ފަހު ޕޮލިސް މީޑިއާ މެއިލް އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ފުލުހުން ބުނީ އެހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ދޫނިދޫގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.