ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ފޮޒިޓިވް ވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މަސައްކަތްތައް ކުރިއަށް ގެންދަން ފަށައިފިއެވެ.
ފުލުހުންގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެސްޓޭޝަނުން މިހާރު ވަނީ އަޅާފައެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާ ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެ މުވައްޒަފުން އައިސޮލޭޝަން އަށް ބަދަލު ކޮށްފައި ވާއިރު، ޕޮޒިޓިވްވި މުވައްޒަފާއި ސީދާ ކޮންޓެކްޓްވި ފަރާތްތަކުގެ އިތުރުންވެސް ވީހާވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތްތައް ޕޮލިސް މެޑިކަލް ސާވިސަސްއާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕޮޒިޓިވް ފުލުސް މީހާ މަސައްކަތް ކުރާ ޕޮލިސް ސްޓޭޝަން ޑިސްއިންފެކްޓް ކޮށް، އެ ސްޓޭޝަންގައި ބޭނުން ކުރާ ޕޮލިސް ގިއާތައް ވެސް ޑިސްއިންފެކްޓް ކުރުމަށް ފަހު، އަލުން ބޭނުން ކުރަން ފާށާފައި ވާއިރު ރަށުުތެރެ ބެލެހެއްޓުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް އޮޕަރޭޝަނަލީވެސް ބައެއް ބަދަލުތައް ގެނެސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އަޕާ ނޯތު ޕޮލިސް ޑިވިޒަންގެ ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، އެރަށް ރަށުގެ ޕޮލިސް ސްޓޭޝަންތައް ވެސް ވަނީ ޑިސްއިންފެކްޓް ކޮށްފައި ކަމަށެވެ. އަދި އެފަދަ ދަނޑިވަޅުގައި ރައްކާތެރި ކަމުގެ ގޮތުން ފުލުހުންގެ އެކި ބޭނުންތަކުގައި ޕޮލިސް ސްޓޭޝަން ތަކަށް ހާޒިރު ވުމުގެ ބަދަލުގައި ހިދުމަތްތައް ހޯދުމަށް ފުލުހުންގެ ވެބްސައިޓްގެ އީސާވިސަސް ޕޯޓަލް މެދުވެރިކޮށް ހިދުމަތްތަކަށް އެދުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.