ތިން ފުލުހަކަށް އިންޒާރު ދިން މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން ބުނީ ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، 20 އަހަރިގެ މުހައްމަދު ވަހީދު އިބްރާހީމްގެ މައްޗަށް ކަމަށެވެ.

ދައުލަތުން މުހައްމަދު ވަހީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައުވާ އުފުލާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެންނެވެ.

އެ ދައުވާ ޝަރީއަތުން ބެލުމަށްފަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، އެމައްސަލައިގައި ދައުވާލިބޭ މުޙައްމަދު ވަހީދު އިބްރާހީމް ތަހުގީގީ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިއުތިރާފުވެފައިކަން އެނގެން އޮތުމުން، ގާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ދަށުން އިންޒާރުދިނުމުގެ ކުށްޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން މުހައްމަދު ވަހީދު އިބްރާހީމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިންޒާރު ދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވުމުން މުހައްމަދު ވަހީދު އިބްރާހީމް، 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.