14 އަހަރުގެ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ ސައުތް ސެންޓްރަލް ޑިވިޝަން (ތ، ލ) ހިމެނޭ އަތޮޅުގެ ރަށެއްގައި އެކި ދުވަސްމަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގުމަށް ހިތްވަރު ދީ، ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ މައްސަލައެއް މިދިޔަ ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ދިވެހި ފިރހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލާ މައްސަލަތަކެކެވެ. އެހެންކަމުން، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން މައުލޫމާތު ހާމަ ކުރާއިރު، ކުއްޖާގެ އަދި މައްސަލަ ހުށަހެޅޭ އަތޮޅާއި ރަށުގެ މައުލޫމާތު ހާމައެއް ނުކުރެއެވެ.
14 އަހަރުގެ ކުއްޖަކު ގްރޫމް ކުރުން ނުވަތަ ކުށްތަކަށް އަރައިގަތުމަށް ތައްޔާރު ކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެފައިވާއިރު، އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމް ކުރުމަކީ ރާއްޖޭގައި ވެސް ކުރާ ކަމެކެވެ. މިކަމަށް ސަމާލުވެ، ބެލެނިވެރިން ކުދިން ރައްކާތެރި ކުރުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ގޮވާލައްވާފައެވެ.
ޖެންޑާ މިނިސްޓަރު ވަނީ، މެދުވެރިކޮށް ކުދިން ގްރޫމް ކުރުވުން ފަދަ ކަމެއް ހިނގާކަމުގެ ޝައްކެއްވާނަމަ އަވަހަށް އެކަން ފުލުހަށް ރިޕޯޓް ކުުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އިންޓަނެޓުގެ ޒަރިއްޔާއިން ކުށެއް ނެތް މައުސޫމް ކުދިންނަށް ވެސް މިފަދަ ކަންކަން ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.