މުޅިން އަލަށް ހުށަހަޅާ 19 ބިލަކާއެކު، ޖުމްލަ 28 ބިލެއް މިއަދު ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހަޅުމަށް ހަމަޖެހިފައިވާކަން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން ބުނީ ރައްޔިތުން މަޖިލީހުގެ 2020 ވަނަ އަހަރުގެ 3 ވަނަ ދައުރަށް ކަނޑައަޅާފައި ޖުމްލަ 28 ބިލެއް ހިމެނޭ ކަމަށެވެ.

އެގޮތުން މި ދައުރުގައި އަލަށް ހުށަހަޅާ ބިލުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމުގެ ބިލެއްވެސް ހިމެނޭއިރު، ރައްޔިތުނަނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވައުދެވެ. އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ އެޖެންޑާ19ގެ ތެރޭގައި ގާނޫނަކުން ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ވަނީ ހިމަނާފައެވެ.

މަޖިލިސް މި ދައުރުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކުގެ ތެރެއިން އަލަށް ހުށަހަޅާ 19 ބިލަކީ:

  1. ޕޭމަންޓް ސިސްޓަމްއާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލު
  2. ހެއްކާ ބެހޭ ބިލު
  3. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އެތޯރިޓީގެ ބިލު
  4. ކާބޯތަކެއްޗާބެހޭ ބިލު
  5. ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލު
  6. އާންމު ދަތުރުފަތުރުގެ ބިލު
  7. އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދުނުމުގެ ބިލު
  8. ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
  9. ތަސްނީފްކުރުމުގެ ބިލު
  10. ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
  11. ފޮރިން އިންވެސްޓްމަންޓުގެ ބިލު
  12. އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލު
  13. އިންސޮލްވަންސީއާ ބެހޭ ބިލު
  14. ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  15. އާއިލާއާ ބެހޭ ބިލު
  16. ނަފްސާނީ ސިއްހަތުގެ ބިލު
  17. މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު
  18. ބޯހިޔާވަހިކަމުގެ ބިލު
  19. މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު

މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި ހިމެނެނީ:

  1. ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  2. ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  3. ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
  4. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  5. ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  6. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
  7. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
  8. ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  9. ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މިއަދު ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރު ނިމޭނީ އަންނަ ނޮވެމްބަރަށެވެ. 28 ބިލެއް މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ހިމަނާފައިވާއިރު، ނިމިދިޔަ ދެވަނަ ދައުރުގައި 21 ބިލުގެ މަސައްކަތް ނިންމާ ވަނީ ފާސްކޮށްފައެވެ.