މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހާކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ، ފާމްދޭރި މަގުގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން މީހާކު ވެއްޓިގެން މިއަދު މެންދުރު ފަހު 3:20 ހާއިރު މައުލޫމާތު ލިބިފައިވާ ކަަމަށެވެ. އެ އިމާރާތުގެ މަތިން ވެއްޓިފައި ވަނީ ބިދޭސީއެއް ކަމަށް ފުލުހުން ބުނެއެވެ.

މިހާރު އެމީހާއަށް މެޑިކާ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަދުން ނަމަވެސް މިފަދަ ނުރައްކާތެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެ ގޮތުން މިދިޔަ މަހުގެ 7 ވަނަ ދުވަހު އިމާރާތެއްގެ 3 ވަނަ ފަންގިފިލާއިން މީހާކު ވަނީ ވެއްޓިފައެވެ. އެއީ ހުޅުމާލެ ލޮޓް 10527 ގެ އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އެ އިމާރާތުގެ 3 ވަނަ ފަންގިފިލާއިން ވެއްޓުނު ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ހަދަމުންދާ އިމާރާތް ތަކުން އެއްޗެހި ވެއްޓި މަގުމަތިން ހިނގާފައި ދާ މީހުންނަށް އަނިޔާ ވުމާއި، މަސައްކަތް ކުރާ މީހުންނަށް އަނިޔާވުން ފަދަ ހާދިސާތައް ވަނީ އާންމު ވެފައެވެ. އެފަދަ ހާދިސާތަކުގެ ތެރޭގައި މީހުން މަރުވާ ހާދިސާތައް ވެސް ހިމެނެއެވެ. އޭގެ ސަބަބުން، އިމާރާތް ކުރާ މިފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް، ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.