ހއ. އުލިގަމުގައި ސިޓީ ހޮޓަލަކާއި ޔޮޓު މެރީނާއެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން، ބިޑު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ކަމަށާއި އެ ބިޑާ ގުޅޭ މައުލޫމާތު ސެޝަން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު އެ މިނިސްޓްރީގައި ކަމަށެވެ.

އުލިގަމުގައި އެ މަސައްކަތް ކުރަން ބިޑު ޑޮކިއުމަންޓްތައް މި މަހުގެ 11 ވާ އާދިއްތަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އުލިގަމުގައި މީގެ ކުރިން ޓޫރިޒަމް ތަރައްގީ ކުރުމަށް، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އޭރުގެ ސަރުކާރާ ގުޅިގެން ވަނީ މަޝްރޫއެއް ފަށާފައެވެ. ނަމަވެސް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކޮށްފައި ނުވާތީ އެ ކުންފުނިން އެ ރަށުގައި އަޅަންފެށި ހޮޓާ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އުލިގަމަކީ އެރަށް އޮންނަ ހިސާބުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުފަހަރު މަޑުކުރާ ބަނދަރެކެވެ.

އުތުރުގެ ތަރައްގީއަށް ގިނަ މަސައްކަތް ތަކެްް ކުރެވެމުންދާ މި ދަނޑިވަޅުގައި އުލުގަމުގެ އެ މަޝްރޫއަކީވެސް ޓޫރިޒަމްގެ ދާއިރާއިން އުތުރަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.