މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 53 ބުލެޓާއެކު އަންހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ކެންޔާ އަންހެނެއް ކަމަށްވާ 27 އަހަރުގެ ޖެޑިޑާ އެންޑުކޫ ކިންގޫ ކަމަށެވެ.
އެގޮތުން މިދިޔަ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި އެ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ، އެތެރެހަށީގައި ރައްކާ ކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން އެ އަންހެން މީހާ ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހި ތަކެއް ހުރި ކަމަށް ފާހަގަ ކުރެވިގެން ކަސްޓަމްސް އިން ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރި ކަމަށް ޔަގީން ކުރެވިފައި ވާ ކަމަށެވެ. އަދި އެ އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 53 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.