ކޮވިޑް-19ގެ މިހާލަތުގައި މުދަރިސުން ދައްކާ ނަމޫނާއަކީ އަގު ނުކުރެވޭނެ މަސައްކަތްތަކެއް ކަމަށް ވިދާޅުވެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، މުދައްރިސުންނަށް ތައުރީފު ކުރައްވައިފިއެވެ.

މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ، ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ވީޑިއޯ މެސެޖުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ދުޅަހެޔޮ، ބަދަހި، ހޭލުންތެރި މުޖުތަމައެއް ބިނާކޮށް ދިނުމަށްޓަކައި މުދައްރިސުން ކުރާ އަގުހުރި މަސައްކަތްތައް ހާމަވެގެން ހިނގައްޖެ ކަމަށާއި، ކޮވިޑްގެ މިހާލަތުގައި މުދަރިސުން ދައްކާ ނަމޫނާއަކީ އަގު ނުކުރެވޭނެ މަސައްކަތްތަކެއް ކަމަށެވެ.

އެ ވީޑިއޯގައި މިނިސްޓަރުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ހާޢްސަ މެސެޖެއް ދެއްވާފައެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ، މިގައުމު އެކަތިގަނޑެއްގެ ގޮތުގައި ބިނާވެފަ މިއޮންނަނީ އަދި ކުރިމަގުގައި އެގޮތަށް އޮންނާނީ ސްކޫލުތަކައި ބެލެނިވެރިންނައި މުޖުތަމައުގެ ގުޅުން ވަރުގަދަ ކުރުމަށް ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ، މުދައްރިސުންނަކީ ވަގުތާ ހާލަތާ އެއްގޮތަށް ބަދަލުވާން އެނގޭ، އެގޮތަށް ކަންކަން ބަދަލުކުރަން ކުޅަދާނަ ބައެއްކަން ދަނީ ހާމަކޮށްދެމުން ކަމަށެވެ. އަދި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވަނީ މިފަދަ ވަގުތެއްގައި ވެސް ދަރިވަރުންގެ ރައްކާތެރިކަމަށް ދޭ އަހަންމިއްޔަތުކަމާ، ނަފްސާނީގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން މިންޖުކުރުމަށް ޓީޗަރުން ކުރާ މަސައްކަތްތަކުން ވެސް ހާމަކޮށްދެނީ ކުރިމަގު ބައްޓަން ކުރާ މޭސްތިރިންނަކީ ޓީޗަރުންކަމަށް ވިދާޅުވެފައެވެ.

ކޮވިޑްގެ މިހާލަތުގައި ޓީޗަރުން އިސްނަގައިގެން ކުރާ މަސައްކަތަކީ ކުރިމަގު ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތައް ކަމަށް ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވެފައިވާއިރު ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ 21 ވަނަ ގަރުނުގެ ގޮތް ނޭނގޭ ކުރިމަގަށް ދަރިވަރުން ބިނާކުރުމަށް ޓީޗަރުން ކުރާ މަސައްކަތަކީ ގައުމުގެ ކުރިމަގަށްޓަކައި ވާ މަތިވެރި ކުރުބާނީއެއް ކަމަށެވެ.

އަދި މިފަދަ ކާރިސާއެއްގެ ވަގުތުގައި ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ތަފާތު އެކި އެކި މަންސަރުތައް ބޭނުން ކުރުމަކީ ޓީޗަރުންގެ އިސްނެގުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވިއިރު، ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް ވިދާޅުވީ އެވަގުތަކު ލިބިފައިވާ ވަސީލަތެއް ބޭނުންކޮށްގެން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ޓީޗަރުން ކުރާ މަސައްކަތަކީ މިފަދަ ކާރިސާގެ ވަގުތުގައި ވެސް ޓީޗަރުންގެ ހުށިޔާރުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މީލާދީން 1994 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ޓީޗަރުންގެ ދުވަހެވެ. ޓީޗަރުންގެ ދުވަހަކީ، ހުރިހާ އެންމެން ޝާމިލުވާ ފަދަ ގޮތަކަށް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގައި އެދުރުން އަދާކުރަމުންދާ ދައުރުގެ ހަނދާން އާ ކޮށްދެނިވި ދުވަހެކެވެ.