އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އަހްސަން އުލް ހަސަން (30އ) އާއި، މުހައްމަދު އަލީ ބާއިގް (41އ) އާއި، މުހައްމަދު ސާދު ވަރްސީ (22އ) އަދި އަބްދުﷲ އަލީ ހަސަން (34އ) ކަމަށެވެ. އަދި އެ ހަތަރު މީހުންނަކީވެސް ޕާކިސްތާން ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
އެ ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ، މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ އައި ފްލައިޓަކުން ހަތަރު މީހުންގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް އެނގިފައިވާ ކަމަށެވެ.
އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 81 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށެވެ.