މޮނިޓަރިންގެ ހާލަތަށް ލާފައި އޮންނަތާ 1 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ގދ. ހޯޑެއްދޫ މޮނިޓަރިންގެ ހާލަތުން، އާންމު ހާލަތަށް ގެންގޮސްފިއެވެ.

ހޯޑެއްދޫ މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިއަދު ހެނދުނު 8:51 ގައެވެ. ބަލަން ޖެހޭ ކަންކަން ބެލުމަށް މިދިޔަ ސެޕްޓެމްބަރުމަހު 3 ވަނަ ދުވަހު ހޯޑެއްދޫ މޮނިޓަރިންގެ ހާލަތަށް ލުމަށްފަހު މިއަދު އެ ހާލަތު އުވާލިއިރު، އެރަށަކީ އަތޮޅުތެރެއިން އެންމެ ގިނަ ކޮވިޑް ކޭސް ފެނުނު ރަށެވެ.

ހަމައެއާއެކު، އެއީ މާލެ ފިޔަވައި އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ ފްލޫ ކްލިނިކުން ޕޮޒިޓިވްވި ޓްރެވެލް ހިސްޓްރީ އަދި ކަރަންޓީނު ކުރި މީހަކާވެސް ގުޅުން ނެތް 2 ކޭސް ފެނުމާ ގުޅިގެންނެވެ. އެއާއެކު، އެ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި އެތައް ބަޔަކު ދެނެގަނެވި، ޓެސްޓު ކުރިއިރު ޕޮޒިޓިވްވެއެވެ.

ނަމަވެސް އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވް މީހަކު ފެނިފައި ނުވާއިރު، އެރަށުން ޕޮޒިޓިވްވީ އެއް ބަބްލް އެއްގައި ތިބި މީހުންނެވެ. އެހެންކަމުން އެރަށުގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ނޫން ކަމަށާއި، ލޯކަލް ޓްރާންސްމިޝަނެއް ކަމަށް އެޗްއީއޯސީ އިން ވަނީ ކަނޑައަޅާފައެވެ.

ހޯޑެއްދޫއިން ޖުމްލަ 45 ޕޮޒިޓިވް ކޭސް ފެނުނުއިރު އޭގެ ތެރެއިން ފުރަބަންދު ކަރަންޓީނުން ޕޮޒިޓިވްވި 4 މީހަކާއި، ލޯކަލް ޓްރާންސްމިޝަނުން ޕޮޒިޓިވްވި 41 މީހަކު ހިމެނެއެވެ. އެރަށުން ޖުމަލް 464 ސާމްޕަލް ނަގާފައިވައިރު، އޭގެ ތެރެއިން 419 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.

އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ހޯޑެއްދޫ މޮނިޓަރިންގެ ހާލަތު އުވާލާފައިވާއިރު، އެރަށުގައި މިހާރު ކޮވިޑް-19ގެ އެކްޓިވް ކޭސްއެއް ނެތެވެ.