މިއަދުން ފެށިގެން މުދަލުގެ ޒަކާތަށްވާ ފައިސާ ފަގީރުންނާއި މިސްކީނުންގެ އެކައުންޓްތަކަށް ޖަމާ ކުރުުމުގެ މަސައްކަތް ފަށައިފިއެވެ.

މި ފައިސާ ބަހަން ނިންމާފައި ވަނީ، ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ލިސްޓު 1442 ވަނަ އަހަރު ރިވިއު ކުރުމަށްފަހުއެވެ. މި ލިސްޓު ރިވިއު ކުރި އިރު، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ އަދަދަށްވުރެ ފަގީރުންނާއި މިސްކީނުން ގިނަވެފައިވާކަން ފާހަގކުރެވެއެވެ.

މިއަހަރު ޖުލައި މަހުން ފެށިގެން މި ލިސްޓު ރިވިއު ކުރުމުގެ މަސައްކަތް ކޮށްފައިވައިރު، އަލަށް ރިވިއު ކުރި ލިސްޓުގައި ވަނީ 11514 މީހެކެވެ. މީގެ ކުރިން އާންމު ކުރި ލިސްޓުގައި ވަނީ 8764 މީހެކެވެ.

މި ފަރާތްތަކަށް ބަހަން ހަމަޖެހިފައިވަނީ ބޮލަކަށް 2000 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް، ދިިރިއުޅުމުގެ ހާލަތު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެކަމާ ގުޅިގެން ފަގީރުންގެ ލިސްޓަށް އަރާނެ މީހުންގެ އަދަދުވެސް މިއަހަރު ތެރޭގައި ވަނީ އިތުރުވެގެން ގޮސްފައެވެ.