މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތްތައް ކާމިޔާބު ވަމުން އަންނަ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އިއްޔެ ކަފު ޖަހާފައި ކަނޑުމަތީން އައްޑޫ ސިޓީ ހިތަދޫއަށް ވައްދަން އުޅުނު 88 ކިލޯގެ މަސްތުވާތަކެތި ދިވެހި ފުލުހުން އަތުލައިގެންފައި ވާކަން ފާހަގަ ކުރައްވައި، ފުލުހުންގެ ޑީއީޑީގެ ހުނަރާއި ގާބިލު ކަމަށް މިނިސްޓަރު އިމްރާން ވަނީ ތައުރީފް ކުރައްވާފައެވެ.
އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ބޮޑު ޑީލަރަކު ހައްޔަރުކޮށްފައި ވާތީ އެއީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މީހެއް ކަމަށާއި އަދި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މިނިވަންވުމަކީ ގާތް ކަމެއް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އިއްޔެ ހިންގި އެ އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ މަސައްކަތާއި، ދިވެހީންގެ އިންޓެލިޖެންސަށް ބިނާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި އެގޮތުން އެ މަސައްކަތުގައި ރާއްޖޭގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި، މެރީން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން މަސައްކަތް ކޮށްފައި ވާކަން ކޮމިޝަނާ އޮފް ޕޮލިިސްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
އިއްޔެ އަތުލައިގެން އެ މަސްތުވާތަކެއްޗަކީ އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން އަތުލައިގެން މަސްތުވާތަކެތި ކަމަށް ބޭރުގެ ބައެއް ނޫސްތަކުންވެސް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއީ އެކި ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރާ ވަރުގަދަ ނެޓްވޯކެކެވެ.